ލޯނަށް އެދޭ ފަރާތްތަކުން ކޯޓޭޝަން ނަގާއިރު، އެ ވިޔަފާރިއަކީ މުދަލެއް ވިއްކާ ވިޔަފާރިއެއްކަން ކަށަވަރުކުރުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އިލްތިމާސްކޮށްފިއެވެ.
އެސްޑީއެފްސީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޯޓޭޝަން ދޫކުރާ ފަރާތަކީ އެ ކޯޓޭޝަނެއްގައި ހިމެނޭ މުދަލާއި ޚިދުމަތްތައް ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިއަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ކޯޓޭޝަނެއް ދިން ފަރާތަކީ އެ މުދަލެއް ވިއްކާ ފަރާތެއްކަން ކަށަވަރު ނުކުރެވޭނަމަ، އެކަން ޔަޤީން ކުރެވޭ އެހެން ވިޔަފާރިއަކުން ކޯޓޭޝަން ހޯދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އެސްޑީއެފްސީން އެންމެ ފަހުން ފުރުސަތު ހުޅުވާލާފައިވާ “ވިޔަފާރި އެހީ ލޯން ސްކީމް” އަކީ މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރި ޚަރަދުތައް ކުރުމަށާއި، ހިނގަމުންދާ ވިޔަފާރި ހަރަކާތްތަކަށް ބޭނުންވާ މެޝިނަރީ ގަތުމަށް ލޯން އެހީއަށް އެދެވޭ ސްކީމެކެވެ. މި ސްކީމްގެ ދަށުން އެންމެ ގިނަވެގެން 1.5 މިލިއަން ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް ލޯނު ނެގޭނެއެވެ.
އެސްޑީއެފްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި ވޭތުވެދިޔަ އެއް އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށްވެސް ލޯނަށް އެދި ހުށަހެޅިދާނެއެވެ. މި ލޯނު ސްކީމަށް ހުށަހަޅާއިރު ގަންނަން ބޭނުންވާ މުދަލާއި އޭގެ ތަފްސީލު އެނގޭ ކޯޓޭޝަން ލޯނަށް އެދޭ ލިޔެކިޔުންތަކާއެކު ހުށަހަޅަންޖެހެއެވެ.
މިވަގުތު އެސްޑީއެފްސީން ވަނީ “ދަނޑުވެރި ނަފާ”، “ވިޔަފާރި އެހީ” އަދި “ފަށާ މަދަދު ލީސިންގ” އާއެކު ތިން ސްކީމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެސްޑީއެފްސީއަކީ 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެއް ކަމަށްވާއިރު، މިހާތަނަށް ޖުމްލަ 10 ސްކީމެއް ތަޢާރަފްކޮށްފައިވެއެވެ.

