ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ކިޔަވާ ވިދާޅުވި ޔުނިވަރސިޓީ އޮފް ލީޑްސްއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި ރައީސް މުޢިއްޒަށް މަރުޙަބާ ދެންނެވުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު އެލެސް ސޯބްލްއާއި ޔުނިވަރސިޓީގެ ހެޑް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ ޕްރޮފެސަރ ހެއި ސުވެއިޔޫ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޔުނިވަރސިޓީ އޮފް ލީޑްސްގައި ހުރި ތަޢުލީމީ ދާއިރާއާއި މަތީ ތަޢުލީމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
1904 ވަނަ އަހަރު އުފައްދާފައިވާ ޔުނިވަރސިޓީ އޮފް ލީޑްސްއަކީ އިނގިރޭސިވިލާތުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގެ ތެރެއިން ޔުނިވަރސިޓީއެކެވެ. ރައީސް މުޢިއްޒަކީ މި ޔުނިވަރސިޓީގެ އިސް ދަރިވަރެއް ކަމަށްވާއިރު، 2009 ވަނަ އަހަރު ސިވިލް އިންޖިނިއަރިންގ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވި ބޭފުޅެކެވެ.
ރައީސް މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ލިވަޕޫލް ފުޓްބޯލް ކްލަބާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ)އާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ.

