އދ.ގެ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 2026-2030 ދައުރަށް ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް އިންތިޚާބުވެއްޖެއެވެ.
އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އިކޮސޮކް) ގެ ދަށުން އުފައްދާފައިވާ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން ގެ 2026-2030 ދައުރުގެ އޭޝިއާ ޕެސިފިކް ގްރޫޕަށް 5 މެމްބަރުން އިންތިޚާބުކުރުމަށް އެމެރިކާގެ ނިއު ޔޯކްގައި ބޭއްވުނު އިންތިޚާބުގައި ފުރަތަމަ ފަހަރަށް އެ ކޮމިޝަނަށް ދިވެހިރާއްޖެ ވަނީ ހޮވިފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "މި ކާމިޔާބީ ރަމްޒުކޮށްދެނީ މިންތީގެ ހަމަހަމަކަމަށާއި އަންހެނުން ބާރުވެރި ކުރުމަށް ރާއްޖެއިން ދެމުންދާ އަހަންމިއްޔަތުކަން" ކަމަށެވެ. ރާއްޖޭގެ އިތުރުން މި ދައުރަށް ޤަތަރު، ޖަޕާން، ޗައިނާ އަދި މޮންގޯލިއާވެސް ވަނީ ހޮވިފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ރާއްޖެއިން ބައިނަލްއަޤްވާމީ އިންތިޚާބެއްގައި ބައިވެރިވެ، ހޮވުނު ފުރަތަމަ ފަހަރެވެ. މި ކޮމިޝަނަކީ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ތަޢުލީމީ ދާއިރާތަކުގައި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ މުހިންމު ކޮމިޝަނެކެވެ.
ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖެއިން މި ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އަންހެނުންގެ ޙައްޤުތަކާއި ބާރުވެރިކުރުވުމާ ގުޅުންހުރި ކަންކަމުގައި، އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލަށް ލަފާ ދިނުމުގައި މަސައްކަތްކުރާނެއެވެ. އަދި އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާކުރާނެއެވެ.
ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގައި ހިމެނެނީ 45 މެމްބަރު ޤައުމެވެ. މެމްބަރުކަމުގެ މުއްދަތަކީ 4 އަހަރު ދުވަހެވެ. މި ކޮމިޝަނަކީ 1946 ވަނަ އަހަރު އުފައްދާފައިވާ، މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ އެންމެ މުހިންމު ބައިނަލްއަޤްވާމީ ކޮމިޝަނެވެ.

