މޯލްޑިވްސް އިމިގްރޭޝަނުން ރޭ ހިންގި ރެއިޑް އޮޕަރޭޝަނެއްގައި މާލޭގެ ކެފޭއަކުން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިންގޮތުގައި، “އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިޔަ މި ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 11 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި” އެވެ. މި ބިދޭސީންނަކީ ސައްހަ ވިސާއެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދިޔަ ބައެކެވެ.
އިމިގްރޭޝަނުން މިހާރު ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ ތެރޭގައި ބިދޭސީންނަށް ހާއްސަ އެކޮމޮޑޭޝަން ބްލޮކްތަކާއި، ކެފޭތަކާއި، ހުޅުމާލޭ ފިހާރަތައް ބަލައި ފާސްކުރުން ހިމެނެއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެވިފައެވެ.
އިމިގްރޭޝަނުން ފާހަގަކުރިގޮތުގައި، ބައެއް އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެންނެވެ. އަދި މިހާތަނަށް ހިފެހެއްޓުނު ބިދޭސީންގެ ތެރެއިން ބައެއް މީހުން ވަނީ އެމީހުންގެ އަމިއްލަ ގައުމުތަކަށް އަނބުރާ ފޮނުވާލެވިފައެވެ.
މީގެއިތުރުން، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމުގެ ގޮތުން، މާލޭގެ އާންމު ތަންތަނުގައި އިމިގްރޭޝަން އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

