"ފަސްގަނޑާ ދީނާ ޤައުމަށްޓަކައި، އޭގެ ރޫޙާނީ ބާރުން. ޤައުމީ ޚިދުމަތް ނަޞްރު އެދި ޝަހީދީ ލޭ ޖިހާދުގައި ދޭނީ،"
ހަމައެކަނި ތި ޖުމްލައިން ފުދޭ ނޫން ހެއްޔެވެ. މިދިވެހި ގައުމާއި ދީނަށްޓަކައި، މި ގައުމީ ހިދުމަތަށްޓަކައި ތިމާގެ އަމިއްލަ ލޭ ޖިހާދު ކުރާނީ އަހަރެމެންނޭ އެ ބުނަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ލަޝްކަރީންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާއުކުރުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަންމަތީގައި ދެމިހުރުމަށާއި، ދުށްމިނުންނާއި ބަގާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި، ހަށިގަނޑާއި، ފުރާނައިން ގުރުބާންވާންޖެހިއްޖެ ހާލަތެއްގައި ގުރުބާންވުމަށް ކެރިހުރެ، މާތް ﷲ ގަންދީ ހުވާކުރަމެވެ.
މި ހުވާ ކުރައްވައި މި ގައުމަށް ހިދުމަތްކުރާ ކޮންމެ ސިފައިންގެ މީހެއްގެ ހިތުގައި މި ނޫން ރޫހެއް އޮންނާނެ ހެއްޔެވެ. ތިމާގެ މުޅިޖާނު މި ގައުމަށް ގުރުބާން ކުރަން ތައްޔާރުވެ އެތިބީ އިސްވެ މި ދެންނެވި ލަޝްކަރީންނެވެ. މީލާދީން 1892 އޭޕްރިލް 21 ސިފައިންގެ ހިދުމަތް ރާއްޖޭގައި ފެށިގެން އައި އިރު އެ ހިދުމަތް ދިނުމަށް އެކުލަވާލެވުނު ފައުޖުގައި 8 ބޭކަލުން ތިއްބެވި ނަމަވެސް މިހާރު އެއީ އާބާދީ ބޮޑު މުވައްސަސާއެކެވެ.

ދިވެހި ސިފައިންނަކީ ގައުމީ ކުލުނާއި ރޫހުގައި ޚިދުމަތްކުރާ ނަމޫނާ މުއައްސަސާއެއް / ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގައި ސިފައިންގެ ހިދުމަތް ދިނުމަތްފެއްޓެވިތާ 133 އަހަރުން ވެއްޖެއެވެ. ރާއްޖޭގައި ހާދިސާއެއް ނުވަތަ ކާރިސާއެއް ދިމާވެގެން ދިވެހި ސިފައިންގެ އެހީތެރިކަމަކާއި ނުލައި ހަމަނޭވާއެއް ލެވުނީ ކޮންކަމަކުން ހެއްޔެވެ. ފެހި ފައުޖުގެ ހިދުމަތުގެ 133 އަހަރުގެ ހިދުމަތުގައި މުޅިން ވެސް އޮތީ ރަން އަކުރުން ފަވާލެވޭ ސަފުހާތަކެވެ.
ރާއްޖެއާ ފަހުގެ ތާޜީހެއްގައި ކުރިމަތިވި އެންމެ ބޮޑު އުދުވާން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ކުރިމަތިވި އިރު މި ގަމުގެ ހައްގުގައި ނުކުތީ ސިފައިންނެވެ. ރާއްޖެ ސަލާމަތްކޮށްދިނީ ވެސް ހަމަ ސިފައިންނެވެ. ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާ އިން ފަށައިގެން 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާއަކީ ވެސް އާދައިގެ މިސާލަކަށް ފުދޭނެ ކަންކަމެވެ. އަދި މީގެ އިތުރުންވެސް ސުނާމީއަށްފަހު ގެދޮރު ބިނާކުރުމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުމުގައި ހަމަ ހިދުމަތުގައި ތިބީ ހަމަ ސިފައިންނެވެ.
މިއާ ވިދިގެން މުޅި ދުނިޔެއަށް ކުރިމަތިވި ކޮރޯނާ ވައިރަސްގެ ލޮކްޑައުންގައި ދިވެހި ސިފައިން މި ގައުމަށް ކޮށްދިނީ ކޮންފަދަ ހިދުމަތެއްތޯއެވެ. އެ ސިފައިންގެ އާއިލާއެއް ނެތީހެއްޔެވެ. އަނބި ދަރިން ނެތީހެއްޔެވެ. ހަމަ އަހަރުމެންގެ ދިވެހިންގެ ހިދުމަތުގައި ރެޔާއި ދުވާލު އެ ހޭދަ ކުރަނީ އެއްވެސް ވަރުބަލި ކަމެއް ނެތިއެވެ. ދޭހާ އަތްވާއި ވެހޭހާ ވާރޭއާއި، ކުރިމަތިވާ ގޮންޖެހުންތަކާއި ކުރިމަތިލަނީ ކެރުންތެރިކަމާއި ބިރުކުޑަ، އެއްވެސް ޖެހިލުމެއް ނެތިއެވެ.

ދިވެހި ސިފައިންނަކީ ގައުމީ ކުލުނާއި ރޫހުގައި ޚިދުމަތްކުރާ ނަމޫނާ މުއައްސަސާއެއް / ފޮޓޯ: އެމްއެންޑީއެފް
އެއްގަމާއި ކަނޑާއި، ވައިގެ ތެރޭގައި ޖެހިލުމެއް ނެތި ސިފައިން ހަރަކާތްތެރިވާއިރު ރާއްޖޭގެ ބިޔަބޮޑު އިގްތިސާދީ ސަރަހައްދު ސިފައިން ބަލަހައްޓަމުންދަނީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކިގެންނެވެ. ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުތެއްނެތި، ލޯބި އޮތްކަން ދިވެހި ސިފައިންދަނީ ފާޅުކުރަމުންނެވެ.
މިހުރިހާ ވާހަކައެއް އަޑުއިވި ލޮލަށް ފެނުނުކަމުގައި ވި ނަމަވެސް މިއަދު ހިތާމަ ކުރަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ކޮންމެވެސް ނިޔަތެއްގައި ނަމަވެސް ދިވެހި ފެހި ފައުޖަށް މަލާމާތާއި ފުރައްސާރަ ކުރަމުންދާ ކަމެކެވެ. ބައެއްގެ އަޅުންނޭ ބުނެ މަލާމާތާއި ފުރައްސާރަ ކުރަމުންދާކަމެވެ. އިހަކަށް ދުވަހު މުޅިމާލޭގައި ފެންބޮޑުވެ އާންމު އިޖްތިމާއީ ހިދުމަތަށް ބުރޫއެރި ހަނދާން މިއަދު ފިލައި ދިޔައީތޯއެވެ. މުޅި މާލޭގެ ފެންބޮޑުވެ ނުރައްކާ ހާލަތަށް ދިއުމުގެ ކުރިން މާލެއިން ފެންހިންދުމުގެ މަސައްކަތް ސިފައިން ކުރި ހަނދާން ގައިމު ހުންނަން ވާނެއެވެ.

ދިވެހި ސިފައިންނަކީ ގައުމީ ކުލުނާއި ރޫހުގައި ޚިދުމަތްކުރާ ނަމޫނާ މުއައްސަސާއެއް / ފޮޓޯ: އެމްއެންޑީއެފް
ތެލަސީމިއާ ކުދިންގެ ފަރުވާ މަރުކަޒުގެ ހާލަތު ދަށްވެ، އެންމެ ކުޑަމިނުން އެތާތެރޭގައި ބަލިމީހުންނަށް ނުތިބެވޭނެ ކަމަށް ނިންމައި މުޅިން އާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ދިވެހި ސިފައިންނާއި ހަވާލުކުރުމުން ޖޯކު ޖަހަންވީކީ ނޫނެވެ. އެކުރަނީ ގައުމީ ބޮޑު މަސައްކަތެކެވެ. އެފަދަ މަސައްކަތްތަކުގައި ދިވެހި ސިފައިންނާއި ހަވާލު ކުރަނީވެސް އެ ރޫހުގައި މަސައްކަތްތައް ނިންމާލާނެތީއެވެ. ގަދަ ފެހި ކުލައިގެ ޔުނީފޯމްގައި ގައުމީ މަސައްކަތުގައި އެ ހޭދަކުރާ ކޮންމެ ވަގުތަކީ ސިފައިންނަށް ލިބޭނެ އިތުރު ހިތްވަރަކަށް ނުމެނޫނީ ނުވާނެއެވެ.
އިސާހިތަކު މި ދެންނެވި އިމާރާތް ނިންމައި މިއަންނަ މެއި މަހު ހިދުމަތް ދިނުމަށް ހަވާލުކުރާނެކަމަށް އިއުލާން ކުރި ހިސާބުންވެސް އަޅުގަނޑަށް ފެނި ޔަގީންވީ މިއީ ފިސާރި ލަޝްކަރެއްކަމެވެ. ސިޔާސީ މަންފާއަކަށް މި ލަޝްކަރަށް ހަޖޫ ޖެހުން ނިމުމަކަށް ގެންނަމާ ހިނގާށެވެ.
"ތިއީ މި ގައުމުގެ ވިދާ ލަޝްކަރީނެވެ. ތި ލަޝްކަރަށް ސެލިއުޓް ހައްގެވެ."

