ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރު 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫ.ކޭ (އެމް.އެސް.އޭ-ޔޫ.ކޭ) އާ އަލުން ހަވާލުކުރައްވައިފިއެވެ.
މި އިމާރާތަކީ ޒަމާނުއްސުރެ އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި ނާދީއެއްގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތެކެވެ. ނަމަވެސް ވޭތުވެދިޔަ ދުވަސްކޮޅު މި އިމާރާތް ވަނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ނަގާފައެވެ.
އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާއެކު މެންދުރުގެ ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ދަރިވަރުންގެ ސިއްޙަތާއި ދިރާސީ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވަނީ ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދިނުމަށް މި ސަރުކާރުން މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ތަނެއްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ކަމެކެވެ.

