ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅަކީ ލިވަޕޫލް އެފް.ސީ އާއި އެމް.އެމް.ޕީ.އާރު.ސީ / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފަށާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ފުޓުބޯޅަ މެޗެއް ބައްލަވާލައްވައި، އަދި އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށްގެންދާ ގޮތް ބައްލަވާލައްވާފައެވެ.
މީގެއިތުރުން، ރައީސް ވަނީ އިނގިރޭސިވިލާތުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، “މަތީ ތަޢުލީމް ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ” ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ފުޅާ ދާއިރާއެއްގައި ކުރިއަށްދާ މާކެޓިންގ ކެމްޕެއިން
ލިވަޕޫލް އެފް.ސީއާ އެކު ޤާއިމުކުރެވުނު ޕާޓްނަރޝިޕްގެ ދަށުން، މާރިޗު 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސްއިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއް ފަށާފައެވެ. ތިން މަސް ދުވަހަށް ރޭވިފައިވާ މި ކެމްޕެއިންގެ ދަށުން، ލަންޑަންގެ 100 ޓެކްސީއެއްގައްޔާއި، ބަސްތަކާއި ލަންޑަން އަންޑަރގްރައުންޑް، ވައިގެބަނދަރުތައް، އަދި ބިޒްނަސް ކްލާސް ލައުންޖުތަކުގައި ވިޒިޓް މޯލްޑިވްސް ބްރޭންޑް އިޝްތިހާރުކުރެވިގެންދާނެއެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ އެހެނިހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

