ބާމިންހަމްގެ މުނިސިޕަލް މަސައްކަތްތެރިންނާއި ސިޓީ ކައުންސިލާ ދެމެދު ހަމަނުޖެހުންތަކެއް ހިނގައި، ގާތްގަނޑަކަށް 17،000 ޓަނުގެ ކުނި މަގުމަތީގައި އެއްކޮށްފައި ބެހެއްޓުމުގެ ސަބަބުން ބާމިންހަމްގެ މަގުތައް ކުނިން ފުރިއްޖެއެވެ.
ކުނި ނެގުން މަޑު ޖައްސާލާފައިމިވަނީ މުނިސިޕަލް މަސައްކަތްތެރިންނާއި ސިޓީ ކައުންސިލާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން މުނިސިޕަލް މަސައްކަަތްތެރިން ކުރަމުންދާ އިހުތިޖާޖުތަކުގެ ސަބަބުންނެވެ.
ސިޓީ ކައުންސިލުން ހޯމަ ދުވަހު މިއީ “ބޮޑު ހާދިސާއެއް” ކަމުގައި އިޢުލާނުކޮށްފައިވާއިރު، މިގޮތަށް އިޢުލާނުކުރުމުން ސަރުކާރުގެ އެހެން އިދާރާތަކާއި ކައިރީގައިވާ ކައުންސިލުތަކުން ކުނި ނައްތާލުމަށް އިތުރު އެހީތެރިކަން ހޯދަމުންދެއެވެ. ސިޓީގެ ގިނަ ސަރަޙައްދުތައް ސާފުކޮށް ހުރި ނަމަވެސް، އެހެން ސަރަޙައްދުތަކުގައި ރައްޔިތުން ދަނީ ފުރިގެން ބަންޑުން ވަމުންދާ ކުނިވަށިތަކާއި، ނުބައި ވަސްތަކާއި، މީދާ ފަދަ ތަކެއްޗާއި ކުރިމަތިލަމުންނެވެ.
މީހުން ވަނީ ކުނީގެ ތެރޭގައި މީދާތަކާއި، ފަނިފަކުސަތައް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ހަމައެއާއެކު، މީހަކު ވަނީ މީދަލެއް އޭނާގެ ގައިގައި ދަތްއަޅާފައިވާ ކަމަށްވެސް ބުނެފައެވެ.
މި އިހުތިޖާޖުތައް ފެށުނީ 2023 ވަނަ އަހަރު ބާމިންގހަމް ސިޓީ ކައުންސިލު ބަނގުރޫޓުވިކަން އިއުލާނުކުރި ހިސާބުންނެވެ. މިއާއެކު، ކައުންސިލުން ރީސްޓްރަކްޗަރ ކުރުމުގެ ޕްލޭނެއް އެކުލަވާލިއެވެ. މުވައްޒަފުން ބުނާ ގޮތުގައި މި ޕްލޭނުގެ ސަބަބުން 150 އެއްހާ މުވައްޒަފުންގެ މުސާރައިން އަހަރަކު 8،000 ޕައުންޑް އުނިވެގެންދާނެއެވެ. ނަމަވެސް ކައުންސިލުން ބުނާ ގޮތުގައި އެހާ ބޮޑު އަދަދެއް އުނިވާނީ އެންމެ 17 މުވައްޒަފެއްގެ އަތުންނެވެ.
ބްރިޓިޝް ޕާލިމެންޓުގައި، ވެރިކަން ކުރާ ލޭބަރ ޕާޓީގެ މިނިސްޓަރެއް ކަމުގައިވާ ޖިމް މެކްމަހަން، އިތުރުވަމުންދާ ކުނީގެ މައްސަލަ އާއި ގުޅިގެން އާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނުރައްކަލުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އިދިކޮޅު ޕާޓީގެ މެންބަރު ޖޫލިއަން ލުއިސް މިހާރުގެ ހާލަތު އަޅާކިޔުއްވީ ކުރީގެ ބޮޑުވަޒީރު ޖޭމްސް ކެލަހަންގެ ވެރިކަމުގައި 1978 ވަނަ އަހަރު ޞިނާޢީ ހަމަނުޖެހުންތަކާ ގުޅިގެން ހިނގި، “ހިތްހަމަނުޖެހުމުގެ ފިނިމޫސުން” ގެ ނަމުން މަޝްހޫރުވެފައިވާ ކުނި ނުނަގާ ހުއްޓާލުމުގެ ހަޅުތާލާއެވެ.

