ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން ގުޅިން 10.15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމުމުން ގުޅީގެ ބިމުގެ ބޮޑުމިން ދެ ގުނައަށް އިތުރުވެގެންދާނެއެވެ. މީގެ އިތުރުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް އަދި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި 88 މީޓަރުގެ ގޮރޮއިން ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވި ގޮތުގައި، “މިދިޔަ ސަރުކާރުގައި ދައުރު ނިމެން ގާތްވެފައިވަނިކޮށް އެމްޓީސީސީއަށް މަސައްކަތް ހަވާލުކުރި ނަމަވެސް، މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް ކޮށްފައިނުވޭ”. މި މަސައްކަތް މިހާރު ފެށިފައިވަނީ ރައީސް ޑރ. މުއިއްޒުގެ ޚާއްސަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެންމެ ފަހުން މި ރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރު އެންމެ 13 ބިމެވެ. އޭގެ ފަހުން ބިމެއް ދޫކޮށްފައިނުވާއިރު، ގޯތި ބޭނުންވާ އެތައް ބަޔަކު މި ރަށުގައި ދިރިއުޅެމުންދާކަން ފާހަގަކުރެވެއެވެ.
އިސްވެ ދެންނެވުނު މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 2023 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިފައިނުވާކަން ފާހަގަކުރެވެއެވެ.

