ކުޅުދުއްފުށި ސިޓީގެ ޕޮލިސް ސްޓޭޝަންގައި ހުރި މީހަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ހާމަކޮށްފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި، ހދ.ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން އުޅުނުކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބުމާ ގުޅިގެން، ކަން ހިނގައި ދިޔަ ގޮތް ދެނެގަތުމަށް އެ ކޮމިޝަންގެ ކުއްލި ހާލަތްތަކުގައި އިޖާބަދޭ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށި ހޮސްޕިޓަލްގައި އެ މީހާއަށް ފަރުވާދެމުން އަންނަ އިރު، އުމުރުން 34 އަހަރުގެ މި މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި ހާދިސާ ތަހުގީގުކުރުމަށް ފުލުހުންގެ މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

