ޣައްޒާގެ ދާރުލް އަރްޤަމް ސްކޫލަށް އިޒްރޭލުން ދިން ބޮމުގެ ހަމަލާއާއި، ސަޢޫދީ ސެންޓަރ ފޯ ކަލްޗަރ އެންޑް ހެރިޓޭޖުން ޣައްޒާގައި ހިންގާ ބޭސްފަރުވާގެ ސާމާނު ރައްކާކުރާ ގުދަނަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ނުރައްކާތެރި ހަމަލާގައި 30 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނިއްޔަތުކަމާބެހޭ ގާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.
ދިވެހި ސަރުކާރުން ވަނީ އިޒްރޭލުން ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވުމަށާއި، މި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ގޮވާލާފައެވެ. އަދި ޣައްޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވާ ގޮވާލުންވެސް ވަނީ ތަކުރާރުކޮށްފައެވެ.
މީގެއިތުރުން، ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ތާއީދު އަލުން ތަކުރާރުކޮށް، މި މައްސަލައަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން މެނުވީ މި މައްސަލައަށް ހައްލެއް ނާންނާނެކަމަށް ރާއްޖެއިން ދެކޭކަންވެސް ވަނީ ފާހަގަކޮށްފައެވެ.

