ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯމް “ޓީމޫ” އިން އެ ކުންފުނީގެ ވިޔަފާރި ދިވެހިރާއްޖެއަށް ފުޅާކޮށްފިއެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުގައި ނަން މަޝްހޫރު މި މާކެޓްޕްލޭސް، މި ސަރަޙައްދުގެ ޤައުމުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ވަނީ ދިވެހިންނާ ހަމައަށް ފޯރާފައެވެ.
ޓީމޫއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭގެ ސާމާނު އަދި ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތައް ހިމެނެއެވެ. މި ހުރިހާ އުފެއްދުންތަކެއްވެސް ލިބެނީ ރަނގަޅު ފެންވަރެއްގައި، އަދި އެކަށީގެންވާ އަގުތަކެއްގައެވެ.
ޓީމޫގެ ޔޫސަރ-ފްރެންޑްލީ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ތަކެތި އޯޑަރުކޮށް، ވަގުތުން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި އޯޑަރުކުރާ ތަކެތި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސީދާ ކަސްޓަމަރުންނާ ހަމައަށް އިތުބާރާއެކު ފޯރުކޮށްދިނުމަކީ، މި ޕްލެޓްފޯމްގެ އެންމެ ޚާއްޞަ އެއް ސިފައެވެ.
“ކުރިން އެންމެ ކަމުދާ އެއްޗެހި ލިބެނީ ޝެއިން އިން، އެކަމަކު ޓީމޫ އިން ޝެއިންއަށްވުރެ މާ ބޮޑަށްވެސް ސަޅި އަންނައުނު ލިބެން އެބަހުރި. ކުރިން މިގޭގެ އަދި އޮފީސް ރައްޓެހިންވެސް އަލީއެކްސްޕްރެސް އިން ގެނައި އެއްޗެހި އެއަށްވުރެ މާ ކޮލި ކޮށް މާ އަގުވެސް ހެޔޮކޮށް ޓީމޫ އިން މިގެންނަނީ،” 28 އަހަރުގެ ޔޫލީ އަކީ ބުންޏެވެ،
އަސްލު ޓީމޫ އިން ރާއްޖެއަށް ޝިޕިންގ ނޯންނާތީވެ އެކަމާ ދެރަވެފަ ތިއްބާ މި އުފާވެރި ހަބަރު ލިބުނީ، މިހާރު ދެން ހަމަޖެހިއްޖެ، އެންްމެ ބޮޑު ހިތްހަމަޖެހުމަކީ ޝިޕިންގއަށް އަގުނުނަގާކަން، އެހެންޏާ ޝިޕިންގ އަގުބޮޑޫކަމުން މުހިންމު އެތަެއް އެއްޗެއް ނުލިބިގެން ކަރުއެލިފައި ތިބެން ޖެހެނީ،” މިވެސް ޒުވާން އަންހެނަކު ޓީމޫ އާ ބެހޭ ގޮތުން ބުނި ވާހަކައެކެވެ.
ހިލޭ ޝިޕިންގ އާއި އަވަސް ޑެލިވަރީގެ ޚިދުމަތް
ޓީމޫއިން އޯޑަރުކުރާ ތަކެއްޗަށް ހިލޭ ޝިޕިންގގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން، ޝިޕިންގ ޚަރަދު ކުޑަކުރުމަށްޓަކައި އެއް އޯޑަރަކަށް ގިނަ ތަކެތި ގަންނަން ނުޖެހޭނެއެވެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަވަސް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ޓީމޫއިން ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑާއެކު އިސްތިރާޖީ ގުޅުމެއް ޤާއިމުކޮށްފައެވެ. މި ގުޅުމުގެ ދަށުން، ޕިކްޕޯސްޓް، ހޯމް ޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބޭނެއެވެ.
މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއްވާގޮތުގައި، ދިވެހިރާއްޖޭގައި އީ-ކޮމާސްގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެ ކުންފުނިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޗައިނާ، ތައިލެންޑް އަދި އިންޑިއާ ފަދަ ޤައުމުތަކުގެ އޮންލައިން ޕްލެޓްފޯމްތަކާއެކު އިތުރު އެއްބަސްވުންތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

