"ހޮޅުދޫ ބޯޓު" އަލިފާނުގެ ހާދިސާގައި ގެއްލުނު ޢަލީ މުޝްފިޤް ޝަރީފް ހޯދުމަށް މިހާތަނަށް 133 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.
ބުދަ ދުވަހުގެ ރޭ ތ. ހިރިލަންދޫން މާލެއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވުމާ ގުޅިގެން ސަލާމަތްވުމަށް ކަނޑަށް ފުންމާލި ފަހުން މުޝްފިޤްގެ އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފްއިން ދަނީ ކަނޑާއި ވައިގެ މަގުން ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.
އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި، ޑައިވްކޮށްގެން 143,880 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ވައިގެ މަގުން 5,000 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން މުޝްފިޤްގެ އެއްވެސް އަސަރެއް ފެނިފައެއް ނުވެއެވެ.
ހޮޅުދޫ ބޯޓުގައި ދަތުރުކުރީ ކެޕްޓަނާއެކު ޖުމްލަ 18 މީހުންނެވެ. އޭގެ ތެރެއިން ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް މުޙައްމަދު ޝަރީފް ފިޔަވައި އެހެން އެންމެން ވަނީ ސަލާމަތްކުރެވިފައެވެ.
މި ހާދިސާގައި ހޮޅުދޫ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. އަދި ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ.

