ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ދެމަފިރިޔަކު އެނބުރި ރާއްޖެ ނާދެވި، އެއާޕޯޓުގައި ހާލުގައި ޖެހިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސަފާ ގުރޫޕް މެދުވެރިކޮށް އުމްރާއަށް ދިޔަ މި ދެމަފިރިން އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އައުމަށް އެއާޕޯޓަށް ގޮސް ޗެކިންކޮށް ނިމުނުއިރު ފްލައިޓު ފުރާފައި ވާއިރު، އެމީހުންނާ ހަވާލުވެގެން އެއާޕޯޓަށް ދިޔަ މީހާއަށް ފްލައިޓް ފުރިކަން ނޭނގެއެވެ.
ސަފާ ގުރޫޕާ ހަވާލުވެ ހުރި މީހާ މި ދެމަފިރިން ޗެކިން ކުރެވުނުތޯ ބަލާނުލާ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާއިރު، މި ދެމަފިރިންނަށް ނުފުރުމުން ސަފާ ގުރޫޕާ ހަވާލުވެ ހުންނެވި މީހާއަށް ގުޅާފައި ނުފުރުނު ވާހަކަ އެ މީހުން ވަނީ އަންގާފައެވެ
އެހެންނަމަވެސް ހަދަންވީ ގޮތެއް އެ ދެމަފިރިންނަށް ކިޔައި ނުދޭ ކަމަށާއި ރާއްޖެ ކޮޅުން އެމްބަސީއާ ވާހަކަ ދައްކައިގެން އެ ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދިނީ އެމްބަސީ އިން ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އެމްބަސީ އިން ދެމަފިރިންގެ ލިޔެކިޔުންތައް ބެލުމަށް ފަހު ހޮޓަލެއްގައި ދެމަފިރިން ބޭތިއްބި ނަމަވެސް، އެ ކޮޓަރިއަށް ވެސް ފައިސާ ދެއްކީ ދެމަފިރިން އަމިއްލައަށް ކަމަށާއި ސަފާ ގުރޫޕުގެ މީހުން އެ ދެމަފިރިން އެއާޕޯޓަށް އެކަނި ދޫކޮށްލީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ހަމައެއާާއެކު، ދެމަފިރިންގެ ހާލުއަހުވާލުވެސް ބަލާފައިނުވާކަަމަށް ވަނީ މައުލޫމާތުދީފައެވެ.
މި މަހު 7 ވަނަ ދުވަހު ފުރޭނެ ކަމަށް ސަފާ ގުރޫޕާ ހަވާލުވެ ހުންނެވި މީހާ އެ ދެމަފިރިންނަށް ރޭ ގުޅާފައި ބުނެފައިވާކަމަށް އާއިލާއިން ބުނެއެވެ.

