ސިހުރު ހެދުމުގެ ތުހުމަތުގައި ހއ. ހޯރަފުށިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34 އަހަރު) ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި އެޕްރީލް މަހުގެ 2 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޝައްކުކުރެވޭ ފަރާތް ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސިހުރުހެދުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެކެވެ.

