ސުލްޙައާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ކުޅިވަރަކީ ވަރުގަދަ ވަސީލަތަކަށް ހެދުމަކީ އެމަނިކުފާނުގެ ތަޞައްވުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ “އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް” ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވީ، ހަމަހަމަ އަދި އެންމެން ބައިވެރިވާ މުޖުތަމަޢެއް އުފެއްދުމަކީވެސް އެމަނިކުފާނުގެ ތަޞައްވުރެއް ކަމަށެވެ.
ކުޅިވަރުގެ ދާއިރާގެ ދިގު މުއްދަތުގެ ތަރައްޤީއަށް ސަރުކާރުން 20 އަހަރުގެ ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި ޕްލޭނަކީ ކޮންމެ މީހަކަށްވެސް ކުޅިވަރުގެ މައިދާނުގައި ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ މައިދާނުގައި ހަމަހަމަ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.
“އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް” އަކީ މުޖުތަމަޢުގެ ތަރައްޤީއާއި ހަމަޖެހުމުގައި ކުޅިވަރުގެ ބާރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޭޕްރިލް 6 ގައި ފާހަގަކުރާ ދުވަހެކެވެ.
މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ “ލެވެލިން ދަ ޕްލޭއިން ފީލްޑް: ސްޕޯޓްސް ފޯ ސޯޝަލް އިންކްލޫޝަން” އެވެ.

