ރަސްދޫ އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ ވެންޓިލޭޓަރުން ނަގައިފިއެވެ.
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ފިރިހެން މީހާ މިހާރުވަނީ ވެންޓިލޭޓަރުން ނަގާފައެވެ. ނަމަވެސް އޭނާއަށް އަދިވެސް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓުގައެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ މަފިރިއަކަށް ވަނީ ނުރައްކާތެރި އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ ހަށިގަނޑުގެ 78 އިންސައްތަ ވަނީ ފިހިފައެވެ.
މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ވަނީ ނިޔާވެފައެވެ. އޭރު އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖެއިން ބޭރުން ބާން ސްޕެޝަލިސްޓް ޑޮކްޓަރެއްވެސް ވަނީ ގެނެވިފައެވެ.
އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައި ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގު ކުރިއަށްދާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

