މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ޝައްމާނު މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ކުރެވުނު ހައްޔަރު ކުރުމަކަށް ފަހު ނެރެވުނު އަމުރެކެވެ. ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްޢާން ހައްޔަރުކުރެވުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މިދިޔަ މަހުގެ 12 ވަނަ ދުވަހު މާފަންނު ސަރަހައްދުގެ ގެއެއްގައި ދިރިއުޅެމުން ދިޔަ ބިދޭސީންނާ ގުޅޭ އޮޕަރޭޝަނެއް ހިންގާފައި ވަނީ ޝަމްޢާންގެ އެނގުމާއެކުގައެވެ. “އެރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލެވިފައިވަނީ އަރޖެންޓް ކަމެއްގެ ގޮތުގައި ބަލައި، ޝަމްޢާންގެ އިރުޝާދުގެ ދަށުން،” ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ އެހެން އޮފިސަރަކު އޭނާގެ އަތުން ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރުމުގައި 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރުގެ އިތުރުން އެހެނިހެން ބޭރު ޤައުމުތަކުގެ ފައިސާ ފެނިފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ޝަމްޢާން ފުރަތަމަ ހައްޔަރުކުރެވުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ފުރަތަމަ ކޯޓަށް ހާޒިރުކުރެވުނު އިރު 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދެވުނެވެ. އެ މުއްދަތު ހަމަވުމާ ގުޅިގެން އިތުރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، މިއަދު ނެރުނު އަމުރުގައިވަނީ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ.

