އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރުމުގެ މަޤްޞަދުގައި ގދ. ހޯނޑެއްދޫގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ "ކަޑެވާރެހާ" އެރަށުގެ އިޙްތިޞާސުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން އިޢުލާނު ކުރައްވަމުން ވިދާޅުވެފައިވަނީ، މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އިންޓަރގްރޭޓެޑް ޓޫރިޒަމް އެރަށުގައި ތަރައްޤީކުރެއްވުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. މި ނިންމެވުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނެރުއްވާފައިވާ ޤަރާރަކުންނެވެ.
މި ބަދަލާ ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޙްތިޞާސަށް އައި ބަދަލު ދައްކުވައިދޭ ޗާޓު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ބަދަލަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެވެއެވެ.
ސަރުކާރުން ގެންގުޅުއްވާ މުހިންމު އެއް ސިޔާސަތަކީ އަތޮޅުތަކުގެ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމެވެ. މީގެ އިތުރުން، އިޤްތިޞާދީ އެކި މަސައްކަތްތައް ކުރެވޭނެހެން އެކި ރަށްރަށާ ކައިރީ ހުރި ފަޅުރަށްތައް ކައުންސިލްތަކުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މި ފިޔަވަޅުތަކަކީ ކައުންސިލްތައް ބާރުވެރިކުރުވައި، މާލީގޮތުން ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ކަމަށް ވެސް ފާހަގަކުރެވެއެވެ.

