އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމްގެ ދަށުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަންގައި މަސައްކަތް ކުރާނެ 10 ޕްރޮޖެކްޓް އޮފިސަރ ޓްރެއިނީން ހޯދުމަށް އެ ކުންފުނިން ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސްއެއް ލިބޭނެއެވެ.
ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ، އަހުލުވެރި ދިވެހީން ބިނާކުރުމަށްޓަކައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ ތިން މަސް ދުވަހެވެ.
މި ފުރުސަތަށް ކުރިމަތިލެވޭނީ އޯލެވެލްގައި ސައިންސް ސްޓްރީމް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު، ދާއިރާގެ އައު ހުނަރުތައް ދަސްކުރުމަށް ޝައުގުވެރިކަން ހުންނަންވާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްރީލް 10 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
އެމްޓީސީސީން މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އެ ދާއިރާއިން ފަންނީ މީހުން އުފެއްދުމުގެ މަޤްޞަދުގައެވެ.

