ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ގެއްލުންވާ ކޮންމެ ކަމަކުން ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. މިކަން އެމަނިކުފާނު ފާހަގަކުރެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
“ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފުރިހަމަ ޞިއްޙީ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ،” ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެވޭ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން އަތޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމެއް ޤާއިމުކުރުމާއި، ދުރާލާ ބަލިތަކަށް ސްކްރީންކުރުމުގެ ޕްރޮގްރާމްތައް ދަނީ ކުރިއަށެވެ.
ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި ޓަރޝަރީ ފެންވަރުގެ ޚިދުމަތްތައް ވަނީ ޤާއިމުކޮށްފައެވެ. އަދި މާލެ ސަރަހައްދުގެ ޞިއްޙީ ނިޒާމަށް 117 އެނދު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވެއެވެ.
ރައީސް މުޢިއްޒު ވަނީ ޞިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމާއި، ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަހައްމިއްޔަތުކަން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.

