މީހަކަށް ހަމަލާދޭން ކޯރާޑިއެއްގެ އިތުރުން ވަޅިއަކާއި ކަށިގަނޑެއް ބޭނުންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ 61 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނީ ވާގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ކޫލްއައިސިސް، އަހުމަދު ރަޝީދެވެ. އޭނާއަކީ މީގެ ކުރިންވެސް މިފަދަ ކުށްތަކާ ގުޅިގެން ހައްޔަރުކުރެވިފައިވާ މީހެއްކަން ފާހަގަކުރެވެއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަޝީދު މީހަކަށް ހަމަލާދޭން އުޅެފައިވަނީ ކޯރާޑިއެއްގެ އިތުރުން ވަޅިއަކާއި ކަށިގަނޑެއް ބޭނުންކޮށްގެންނެވެ. މި ހާދިސާއާ ގުޅިގެން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލައިގެ ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، ރަޝީދު ބަންދުން ދޫކޮށްލައިފިނަމަ މީހަކަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީ، އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

