ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް މިއަދު ރަސްމީ ދަތުރުފުޅެއްގައި މޮލްޓާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު، މޮލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ އަދި ފަތުރުވެރިކަމާބެހޭ ވަޒީރު އިއަން ބޯގްއާ ބައްދަލުކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާއި، އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، ޚާރިޖީ ވަޒީރު މޮލްޓާގެ ކެބިނެޓުގެ އިތުރު ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ. މި މަޝްވަރާތަކުގައި ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މޮލްޓާގެ ސަރުކާރާއެކު މަޝްވަރާކުރުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުން، ދެމެހެއްޓެނިވި ތަރައްޤީ، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުން، ފަތުރުވެރިކަން އަދި ވިޔަފާރި ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އަރިހުގައި ބައިލެޓްރަލް ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބު ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

