ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާ ގުޅޭގޮތުން ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔުނިސެފާއެކު މަޝްވަރާތައް ފަށައިފިއެވެ. މި
މަޝްވަރާތައް ކުރިއަށް ގެންދަނީ ސިއްޙީ ވުޒާރާއިންނެވެ.
ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން އިއުލާން ކުރެއްވީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގެ ތެރެއިންނެވެ. މިގޮތުން، ދުންފަތް މަނާކުރުމަށް ތިން އުމުރުފުރާއަކަށް ވިސްނަވާފައިވާ ކަމަށާއި، އޭގެތެރެއިން އެއް އުމުރުފުރާއަކަށް މަނާކުރުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ 2000 ވަނަ އަހަރުން ފެށިގެން، 2004 ވަނަ އަހަރުން ފެށިގެން، ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައްވާފައެވެ. މި ތިން އުމުރުފުރާ ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ، “18 އަހަރާއި 25 އަހަރާ ދޭތެރޭގައި އަދި އެއީ އެހާ ގިނަ ދުވަހެއް ނޫން. ކުދިން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އުޅޭތާ. އެކުދިން އެވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެ” ކަމަށެވެ.
ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޖެނެރޭޝަނަލް ބޭން ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއިންނާއި ޔުނިސެފުން ވަނީ ލަފާ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންނަށާއި، ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް އިލްތިމާސްކުރައްވާފައެވެ.

