އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 829 މިލިޔަން ރުފިޔާއަށެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި މަސައްކަތް ކުރެވޭނެއެވެ. މީގެ އިތުރުން 67.58 ކިލޯމީޓަރުގެ ސީ.ޓީ.ބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި މުޅިން އަލަށް 5.5 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
"ލިންކް ރޯޑުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ފޭދޫގައި ފެން ބޮޑުވުމުގެ ދާއިމީ މައްސަލައަށް ހައްލު ލިބި، ރައްޔިތުންގެ ޒަމާންވީ އުންމީދަކަށް ނިމުމެއް އަންނާނެއެވެ. "ކުރީ ސަރުކާރުން ފޭދޫ ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރި. ނަމަވެސް މުޅިއަކުން ހައްލެއް ނުލިބުނު،" މެންބަރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ލިންކް ރޯޑް ޒަމާނީ ފެންވަރަށް އަލުން ހެދުމާއި، ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމާއި، ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ރޯޑް މާކިންގ އަދި ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ. މި މަސައްކަތްތައް 2028 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ

