ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ތައްޔާރުކޮށްފައިވާ ޓާސްކްފޯހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ 4 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދމި ތަންތަނުން ފެނުނު ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 8 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގައި އެކަނިވެސް 5،600 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. އަދި މިފަދަ އޮޕަރޭޝަންތައް ދަނީ މެދުނުކެނޑި ކުރިއަށް ގެންދަމުންނެވެ.
ސަރުކާރުން މިހާރު ދަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ހޯދައިދިނުމާއި، ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުން ހިމެނެއެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި މައްސަލަ ނިޒާމީ ގޮތުން ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

