މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް)ގެ ޑިރެކްޓަރ ޖެނެރަލް އޮފް ބްލަޑް ސަރވިސްގެ މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިޢުލާން ކޮށްފިއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި،
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު
- 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ލެވެލް 9 ގެ ސަނަދަކާއެކު 8 އަހަރުދުވަހުގެ ތަޖުރިބާ ހިމެނޭ
- ތަޖުރިބާގެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން ލާޒިމުކުރޭ
މި މަޤާމަށް ހޮވޭ ފަރާތަކަށް
- މުސާރައިގެ ގޮތުގައި 21,884 ރުފިޔާ
- މަޤާމުގެ އެލަވަންސްގެ ގޮތުގައި 12,534 ރުފިޔާ
- ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 339 ރުފިޔާ ލިބޭނެ
- މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން ޢިނާޔަތްތައްވެސް ލިބޭނެ
އެމްބީއެސްގެ މަސައްކަތްތައް ހަރުދަނާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެ ސަރވިސް އަށް ވަގުތީ ޑިރެކްޓަރ ޖެނެރަލަކު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ތެލެސީމިއާ ޤާނޫނުގައިވާ ގޮތުން އެމްބީއެސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖެއްސުން ލާޒިމްވެއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އަންގާފައެވެ.
ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

