ތ. އަދި ނ. އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް މިމަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ސިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޚިދުމަތް އެންމެ ފުރަތަމަ ފަށާނީ ތ. އަތޮޅުގައެވެ.
ތ. އަތޮޅުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ވޭމަންދޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލުގައެވެ. މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެ އަތޮޅުގައި ފަށާ ޚިދުމަތެކެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޑައިލިސިސްގެ ޚިދުމަތް ފެށުމަށް މަސައްކަތް ފަށާފައެވެ.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި ގޮތުގައި، މި އަހަރުގެ ތެރޭގައި އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފައެވެ. އަދި މިހާރުވެސް އެކަމުގެ ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުން. އައު ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، ސިއްޙީ ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއްކަން ކަށަވަރުކުރުމަށްޓަކައި މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައްވެސް މި ސަރުކާރުން ގެންނަމުން އެބަދޭ،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހެޔޮ އަގުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، އާސަންދައަށް ގެންނަންޖެހޭ ބަދަލުތަކަކީވެސް ސަރުކާރުން މަސައްކަތްކުރަމުންދާ ކަންކަމެވެ. މީގެ އިތުރުން، ސިއްޙީ ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައްވެސް ސަރުކާރުން ގެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޑައިލިސިސްގެ ޚިދުމަތް އެންމެ ފަހުން ފަށާފައިވަނީ ހއ. އިހަވަންދޫގައެވެ. މި ވަގުތު އެ ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ނަމަވެސް، ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި ނ. އަތޮޅުގައިވެސް މިމަހު ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

