މާލޭ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް 144.5 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތް 455 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ކީވޯލް ބޭރަށް ޖެއްސުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑު ހަރުކުރުން ހިމެނެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، “މަގު ތަރައްޤީކޮށް ފުޅާ ކުރާނީ އެ ސަރަޙައްދުގެ ޓްރެފިކްއަށްވެސް ފަސޭހަވާނެ ގޮތަށް. މަގު ހަދާއިރު އާންމުންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވިނަމަވެސް މިކަން ކުރުމަކީ އެންމެން ގުޅިގެން ވާނެކަމެއް” ކަމަށެވެ.
އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަހުމަދު ސައުދީ ވިދާޅުވީ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން ނިންމުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި “ބާރު ބޮޑު ސަރަހައްދެއްވުމުން މަގުމައްޗާއި ފަޅުތެރޭގެ ކަންކަން މެނޭޖް ކޮށްގެން މަސައްކަތް ކުރިއަށްގެންދިޔުމަށް ސަމާލުކަން ދޭނެ” ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫޢަކީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި، ޢިއްޒުއްދީން ފާލަން ހިމެނޭ ސަރަޙައްދުގެ މަގު ފުޅާކޮށް، ކޮޅަކަށް ދެ ލޭނު ހިމެނޭހެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެކެވެ.

