ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ދަތުރުފަތުރު ދާއިރާގައި ހިނގާ ހާދިސާތައް ތަޙުޤީޤުކުރުމަށް ޚާއްޞަ އިދާރާއެއް އުފައްދަވައިފިއެވެ. “މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު” ގެ ނަމުގައި އުފެއްދެވި މި އިދާރާ ހިންގަމުންދާނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވާ ގޮތުގައި، މި އިދާރާ އުފެއްދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި އިދާރާ އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމެވެ.
މީގެ އިތުރުން، ރާއްޖޭގެ އެއްގަމާއި، ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަޙުޤީޤުކުރުމަށް ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާކަމަށްވެސް މި ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.
ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 501 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅުއްވާފައެވެ.
މި އައު އިދާރާ އުފެއްދެވުމާއެކު، ސަރުކާރުން އަންނަނީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި އިދާރާ އުފެއްދެވުމަކީ އެ މަސައްކަތުގެ މުހިންމު ބައެއްކަމަށް ބެލެވެއެވެ.

