ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް)ގެ ޢަމަލީ މަސައްކަތް ފަށައިގަތުމުން، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދި، ދެމެހެއްޓެނިވި ތަރައްޤީގެ އައު ޞަފްޙާއެއް ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ބޭއްވުނު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ސިޑްސްގައި ހިމެނޭ ގިނަ ޤައުމުތަކަކީ މާލީގޮތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ، އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދެމެހެއްޓެނިވިގޮތެއްގައި ދަރަނި ބެލެހެއްޓުމާއި، ވިލުންވެރި ތަރައްޤީ ކަށަވަރުކުރުމަކީ މި ޤައުމުތަކަށް ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖެއިން “ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް” އެއް ހުށައެޅުއްވީ، ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ޤައުމުތަކަށް އިސްކަންދެއްވުމުގެ ގޮތުން ކަމަށެވެ. މިފަދަ މެކޭނިޒަމެއް ތަންފީޒުކުރުމުގެ ސަބަބުން، ކޮންމެ ޤައުމެއްގެ ނާޒުކު ހާލަތު ވަޒަންކުރެވި، އެހާލަތުގެ މައްޗަށް ބިނާކޮށް މަޝްރޫޢުތައް ހިންގައި، އޭގެ ސަބަބުން އެފަދަ ޤައުމުތަކުގެ މާލީ ފުދުންތެރިކަން ޤާއިމްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓް (އެފްއެފްޑީ-4) އަކީ، ދުނިޔޭގެ ފެންވަރުގައި ޑީއެސްއެސްއެސް ބަލައިގަތުމަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ.

