މަސްވެރިކަމާ ބެހޭ ވުޒާރާއިން ރާއްޖޭގެ އިތުރު ދެ ސަރަހައްދެއްގައި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތި އަޅައިފިއެވެ.
މި ކަނދުފަތިތައް އަޅާފައިވަނީ ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުންނާއި، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަކަށް މަސްޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ. މި ކަނދުފަތިތަކަކީ އޮއެވާލުގައި މަސް އަޅާ އުސޫލުން މަސައްކަތްކުރާ އެއްޗެއް ކަމަށާއި، ކަނދުފަތީގައި އަޅާ ހިޔަނީގެ ސަބަބުން، މަސް ކަނދުފަތީގެ ގާތަށް ޖަމާވެ، މަސްވެރިކަން ތިޔާގިވެގެންދާ ކަމަށް މަސްވެރިން ފާހަގަކުރެއެވެ.
ރާއްޖޭގައި މިވަގުތު އަޅާފައިވަނީ ދެ ބާވަތެއްގެ ކަނދުފައްޗެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ 65 ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ 26 ވަދު ކަނދުފައްޗެވެ. އަދި މިއިން ކޮންމެ ކަނދުފައްޗަކަށްވެސް ވަކި ޚާއްސަ ނަންބަރެއް ދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މިވަގުތު ރާއްޖޭގައި ހުރީ ކަނދުފަތި ޤާއިމްކުރާ އެންމެ ސެންޓަރެއް ކަމަށްވާ ހުޅުމާލޭގައި ހުންނަ ސެންޓަރެވެ. ނަމަވެސް މި ޚިދުމަތަށް އޮތް ޑިމާންޑްގެ ބޮޑުކަމުން، އުތުރުން ށ. ފުނަދޫގައި އަދި ދެކުނުން އައްޑޫގައި ކަނދުފަތި ގާއިމުކުރާ އިތުރު ސެންޓަރުތައް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން، ކަނދުފަތި އެޅުމުގެ އިތުރުން، ހަލާކުވެފައިވާ ކަނދުފަތިތައް މަރާމާތުކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

