ލޯން ސްކީމްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
“ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލޯނު ނަގައިގެން ކިޔަވާ ދަރިވަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޢާންމު ބޭންކު ރޭޓުގައި ޑޮލަރު ނުލިބުން ކަމަށެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ލޯނު ފައިސާއިން ބޮޑު އަދަދެއް ގެއްލޭކަން ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.
“ބްލެކު މާކެޓުގައި އެ ކުދިން ޑޮލަރު ހޯދަން މި ޖެހެނީ. އެހެންވެގެން އެކުދިންނަށް ބޮޑު ގެއްލުމެއް އެބަ ލިބޭ،” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް މާލީ ވަޒީރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު ގުޅިގެން މަޝްވަރާތަކެއް ފަށާފައިވާކަން ރައީސް ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ. އަދި ވަކި އަދަދަކަށް ޑޮލަރުން އާމްދަނީ ލިބޭނަމަ ޓޫރިޒަމް ސިނާޢަތުގެ ފަރާތްތަކުން ޑޮލަރު މާރުކުރުމަށް އަންގާފައިވާކަމަށާއި، ބްލެކު މާކެޓުން ކުންފުނިތަކުން ޑޮލަރު ގަތުން ހައްލުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޫކުރާނީ ރާއްޖޭގެ މާކެޓަށް ގެއްލުން ނުވާނެ ގޮތަށްކަމަށެވެ. އަދި މިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި އެޤައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވައެވެ. މިވަގުތު ލޯނު ނަގައިގެން 1650 އެއްހާ ދިވެހި ދަރިވަރުން އެކި ޤައުމުތަކުގައި ދަނީ މަތީ ތަޢުލީމު ޙާސިލުކުރަމުންނެވެ.

