ތ. އަތޮޅުން މާލެއަށް ދަތުރުކުރަމުންދިޔަ “ހޮޅުދޫ ބޯޓު”ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މުޝްފިގު ޝަރީފްގެ މައްޗަށް މާދަމާ ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފިއެވެ. މިކަން ހާމަކޮށް އާންމުކޮށް އަންގާފައިވަނީ މުޝްފިގުގެ އުފަން ރަށް، ލ. މާވަށު ކައުންސިލުން ކުރި އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މުޝްފިގުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އޮންނާނީ ހުކުރު ނަމާދަށްފަހު މަސްޖިދުލް ބިލާލުގައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކްގައި އާކިޓެކްޗަރގެ ދާއިރާއިން ތައުލީމް ހާސިލްކުރަމުންދިޔަ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10ގެ ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މުޝްފިގް ގެއްލުނު ހަބަރު ލިބުނު ހިސާބުން ފެށިގެން ކަމާއިބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް މިއަދާއި ހަމައަށްވެސް އޭނާ ފެނިފައެއް ނުވެއެވެ.
މި ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް މާވަށު ކައުންސިލުން ވަނީ އެދިފައެވެ.

