އދ. މަހިބަދޫ މަގު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ސާމާނު ފޮނުވަން ފަށައިފިކަމަށް މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު 15 ވަނަ ދުވަހުއެވެ. 42،765،652.08 ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް ދެ އަހަރުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި މަގުތައް ފަރުމާކުރުމާއި، ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމްކުރުމަށް ބޭނުންވާ ސާވޭތައް ކުރުން ހިމެނެއެވެ. މީގެ އިތުރުން އީއައިއޭ ހެދުމާއި، ދުވާރު ހެދުމާއި، މިހާރު ހުރި ޖަންކްޝަންތައް މަގާ އެއްވަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އަދި މަގުތަކުގައި ފާހަގަ ކުރެހުމާއި، ސްޕީޑް ބްރޭކަރާއި ނިޝާން ބޯޑުތައް ހަރުކުރުމާއި، މަގުބައްތި ޖެހުންފަދަ މަސައްކަތްތައްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަށް ބޭނުންވާ ސާމާނު ފޮނުވަން ފެށުމާއެކު، މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ފެށިގެންދާނެ ކަމަށް އާރުޑީސީން މަޢުލޫމާތު ދެއެވެ.

