ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔރުކޮށް، ދައުވާ ކުރެވޭ ދެ މީހުންނަކީ ގދ. ފިޔޯރީ، ހީނާމާގެ، ރުސްތުމް އިބްރާހީމް (26 އަހަރު) އާއި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފްﷲ ފައިޞަލް (19 އަހަރު) އެވެ.
މިދިޔަ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 23:35 ކަންހާއިރު، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ކައިރީ މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހަމަ އެރޭ، ހައިވޭ މަތިންނެވެ.
މި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުންވެސް ވަނީ އަމުރުކޮށްފައެވެ.

