ނ. ހޮޅުދޫ މާރަނގަގެ ޒަކިއްޔާ މޫސާގެ ހަށިގަނޑު ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީއެއް ހެދުމަށް އެދި އާއިލާގެ ގިނަ ބަޔަކު ސޮއިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށާއި ޕްރޮސެކިއުޓަ ޖެނެރަލް އައްބާސް ޝަރީފަށް ސިޓީއެއް ފޮނުވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ވަނީ ސީޓީ ސްކޭނާއި އެމްއާރުއައި ބޭނުން ކޮށްގެން ވާޗުއަލް އޮޓޮޕްސީއެއް ހަދާފައެވެ. އަދި ބައެއް މީޑިއާތަކުން ވަނީ ޒަކިއްޔާ މަރުވެފައި ވަނީ އަމިއްލައަށް ލިބުނު ޒަހަމްތަކަކުން ކަމަށް ރިޕޯޓުކޮށްފައެވެ.
އާއިލާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ މައްޔިތާ ވަޅުލުމަށްފަހު ވެސް ހަށިގަނޑު އަލުން ކޮނެގެން ނެގުމަށްފަހު އޮޓޮޕްސީ ހެދުމަކީ ދުނިޔޭގައި އަދި ރާއްޖޭގައިވެސް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން މިކަމާ ގުޅޭ އިޖުރާއަތުތަކާ ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ޕެތޮލޮޖިސްޓް ޑޮކްޓަރެއް ކުރިން ހަށިގަނޑު ބެލިއިރު، “އެހެން މީހެއްގެ ފުށުން ލިބޭ ޒާތުގެ އަނިޔާއެއް ނުފެންނަ” ކަމަށް ލަފާދީފައިވާއިރު، ކަރުގެ ދެފަރާތުގައި ގިނަ ޒަހަމްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ވާތްފަރާތުގައި ފުން ތިން ޒަހަމާއި ކަނާތްފަރާތުގައި ފުން ދެ ޒަހަމް ހިމެނެއެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ރަށުތެރޭގައި އެކި ވާހަކަތައް ފެތުރި، ބައެއް ހަމަނުޖެހުންތައް ހިނގާފައިވެއެވެ. މިގޮތުން އޭނާގެ ދޮށީ ދަރިފުޅު މޫސާ ރިމްޒީ ވަނީ ހައްޔަރުކުރެވި، ފަހުން ދޫކޮށްލާފައެވެ. އަދި އާއިލާގެ މެންބަރުންގެ މެދުގައިވެސް އެކި ތުހުމަތުތައް ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

