ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ދަތުރުފުޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގަންނަވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، “ރޯދައަށް މެދުކަނޑާލީ. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން” ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭން ބޭރުގެ ދަތުރުފުޅުތައްވެސް ހަމަޖެހިފައިވާ ކަމަށާއި، އޯގަސްޓް މަހުގެ ނިޔަލަށް ދަތުރުތައް ނިންމަވާލެއްވުމަށް މިހާރު ތައްޔާރީތައް ނިމިފައިވާ ކަމަށެވެ. އެގޮތުން އެންމެ އަވަހަށް ދަތުރުފުޅެއް ކުރައްވާނީ މ. މުލަކަށް ކަމަށާއި، އެ ދަތުރުފުޅުގައި އެ ރަށުގެ އެއަރޕޯޓް ހުޅުއްވައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، މި ދަތުރުފުޅުތައް ކުރިއަށް ގެންދަވަމުން ދިޔަ ނަމަވެސް ރައްޔިތުންނާ މަޢުލޫމާތު ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ.

