އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހާއި ރަމަޟާން މަހާ ދިމާކޮށް ހިންގި "އެކުވެރި ރޯދަ 30" ޕްރޮމޯޝަންގެ ދަށުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު 3 ފަރާތަކާ އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވަނީ އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންނަށެވެ.
ޕްރޮމޯޝަންގެ ދަށުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބިފައިވަނީ
- ޝަމްރޫޒް އިބްރާހީމް،
- މުޙައްމަދު ސަރާޙް،
- ޢަލީ ނާޡިމް.
އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ފަރާތްތަކަށް ދަތުރުގެ ލިޔުން ޙަވާލުކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދެވެ.
އެމްޑަބްލިޔުއެސްސީން ހާމަކުރި ގޮތުގައި، ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކުން އެއް އަހަރުގެ ތެރޭގައި ދަތުރު ބޭނުންކުރަންވާނެއެވެ. އަދި ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.
ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް 30 އަހަރު ފުރިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

