ދަރީންނަކީ މާތްﷲ އަހަރެމެންނާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަމަށާއި މިއަދު އެ ކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެނަމަ، މާދަމާ އެ ކުދީންގެ މަންފާ އަހަރެމެންނަށް ކުރާނެ ކަމަށް ހުތުބާ ގައި ބުނެފިއެވެ.
“ތަރައްޤީގެ އަސާސަކީ، ތަޢުލީމާއި ތަރުބިޔަތު” މި މައުޟޫޢުގައި ދިން ޚުޠުބާގައި، އިސްލާމްދީނާއި ދުނިޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ކިޔަވާ ކުދިންނަށް ވަނީ ގޮވާލާފައެވެ. އަދި މިކަން ޙާޞިލްކުރެވޭނީ މައިންބަފައިންނަށާއި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމް އަދާކޮށްގެންކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ހަމަމިއާއެކު މިއަދުގެ ހުކުރު ޚުޠުބާގައި ދަރިވަރުންނަށް ލިބޭ ހުސްވަގުތުތައް ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ޢިލްމީ ޙަރަކާތްތަކުގައި ހޭދަކުރުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެެވެ.
ޚުޠުބާގައި މުދައްރިސުންގެ މަސައްކަތުގެ މާތްކަން ފާހަގަކުރަމުން، “ތިޔަ ކުދީންގެ މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެއް” ކަމަށް ވަނީ ބުނެފައެވެ. އަދި މުދައްރިސުންނަކީ ހެޔޮކަންތަކަށް އަމުރުކުރައްވައި، ނުބައި ކަންތަކުން ދުރުހެލިވުމަށް އިރުޝާދު ދެއްވާ ބައެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ދަރިވަރުންނަށް ނަސޭހަތްތެރިވަމުން “ދުނިޔެއާއި އާޚިރަތަށް ފައިދާ ހުރި، ޢިލްމީ ޙަރަކާތްތަކުން، ތިޔަކުދީންގެ ހުސްވަގުތު ފަޅުފިލުވައިލާށެވެ!” ކަމަށް ވިދާޅުވެ، ކުތުބުޚާނާތަކާއި ލެބޯޓަރީތަކުގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
މިއަދުގެ ހުތުބާވެސް ނިންމާލީ ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމައަށް ސޮލަވާތް ކިޔުމަށް ނަސޭހަތްތެރިވަމުން އަދި ސޮލަވާތް ކިޔުމާއެކުގައެވެ.

