މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިނގި މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފުގެ މަރު ސާބިތު ކުރުމަށް ފަހު އަންނަ ހުކުރު ދުވަހު ކަށު ނަމާދު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މުޝްފިޤުގެ ޢާއިލާއާއެކު މަޝްވަރާކުރުމަށްފަހު، އިސްލާމީ ޝަރީޢަތުގައި އޮތް ގޮތުގެ މަތިން ކޯޓު މެދުވެރިކޮށް މަރު ސާބިތުކުރުމަށްފަހު، ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އުމުރުން 25 އަހަރުގެ މުޝްފިޤު ގެއްލުނު ހާދިސާއާ ގުޅިގެން ލ. މާވަށު ކައުންސިލުން އިއްޔެ ވަނީ އޭނާގެ ކަށު ނަމާދު ކުރުމަށް އިޢުލާންކޮށްފައެވެ.
"އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވޭ،" ވަޒީރު ވިދާޅުވިއެވެ. އަދި މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ، އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީއެވެ. އަދި ޤާޟީ މިފަދަ މައްސަލަތަކުގައި ގޮތް ނިންމަވާނީ ގެއްލުނު ޙާލަތާއި، ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
ޤާޟީ މަރުވެފައިވާކަމަށް ކަނޑައަޅައިފިނަމަ، އެމީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނެ ކަމަށާއި، މުދާވެސް ވާރިސުންގެ މެދުގައި ބެހޭނެކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

