ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދީނީ އިލްމުވެރިން އިސްނަގައިގެން މިއަދު ހަވީރު ސައިކަލު ބުރެއް ބާއްވައިފިއެވެ. މި ސައިކަލު ބުރު ފެށީ ހަވީރު 4:30 ގައި ރަސްފަންނު ސަރަހައްދުންނެވެ.
ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ސައިކަލު ބުރުގައި، ބައިވެރިން ވަނީ ފަލަސްތީނާއެކު ދިވެހި ރައްޔިތުން ތިބިކަން ދައްކުވައިދޭ ޕޯސްޓަރުތަކާއި ޝިއާރުތައް ބޭނުންކޮށްފައެވެ. މި ހަރަކާތް ނިންމާލާފައިވަނީ ފަލަސްތީނުގެ އާއިލާތަކުގެ ހައްގުގައި ކުރި ދުއާއަކުންނެވެ.
މި ސައިކަލު ބުރު ބޭއްވުނީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތައް އަލުން ފެށި ދަނޑިވަޅެއްގައެވެ. ދެމަހެއްހާ ދުވަހަށް ހުއްޓިފައި އޮތް ގަތުލުއާންމުތައް އަލުން ފަށާފައިވަނީ މިދިޔަ މާރިޗް މަހުގެ 18 ވަނަ ދުވަހުއެވެ.
ޑަބްލިއުއެޗްއޯގެ އޮފިޝަލް ރިކް ޕީޕަރކޯން ވިދާޅުވި ގޮތުގައި، “ތިން ގުދަނުގައިވެސް އެންޓިބަޔޮޓިކްސް، އައިވީ ފްލުއިޑްސް އަދި ބްލަޑް ބޭގްފަދަ ތަކެތި ވަރަށް ބޮޑަށް މަދުވެފައިވޭ”. އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީގެ ހުރިހާ އެހީއެއް ވަނުން ހުއްޓުވާފައެވެ.
އިސްރާއީލުން މިހާރުވެސް ދަނީ ކޮންމެ ދުވަހަކު ޣައްޒާއަށް ބޮން އަޅައި، ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށް، މުޅި ޣައްޒާ އިތުރަށް ސުންނާފަތި ކުރަމުންނެވެ. މި ގަތުލުއާންމު ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

