ނ. ފޮއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ 6 މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން މިއަދު (އޭޕްރިލް 10) ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ ޕޯސްޓް އޮފީހެއް ބިނާކުރުމާއި، ހެލްތު ސެންޓަރަށް ދެ ބުރީގެ އައު އިމާރާތެއް އިތުރުކުރުމާއި، އައުޓްޑޯ ޖިމެއް ތަރައްޤީކުރުމާއި، އެއް ބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުމާއި، ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމުގެ އިތުރުން ރަށުގެ ބަނދަރު ތަރައްޤީކުރުމެވެ.
344 މީހުންގެ އާބާދީއެއް އޮންނަ ނ. ފޮއްދޫގައި މި މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި ޚާއްސަ އިރުޝާދުފުޅުގެ ދަށުންނެވެ. މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަކިވަކި ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި ގިނަ މަޝްރޫއުތަކެއް ނުފެށި ނުވަތަ ހުއްޓިފައި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރު ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

