ރ. ހުޅުދުއްފާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަށް ތައްޔާރުވާން ފަށައި އެކަމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ.
އާރުޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މިހާރު ހުޅުދުއްފާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައި، އަންލޯޑް ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއް އަލުން ފެށުމަށްޓަކައި ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައެވެ. މިގޮތުން އާރުޑީސީއާވެސް ވަނީ ބައެއް މަޝްރޫޢުތައް ހަވާލުކޮށްފައެވެ.
ހުޅުދުއްފާރު ފުޓުބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަޝްރޫޢަކީ އެރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރަނގަޅު ވަސީލަތްތަކެއް ޤާއިމްކޮށްދިނުމަށް ކުރިޔަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫޢު ނިމުމުން އެރަށުގެ ކުޅިވަރުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

