އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ފުޓުބޯޅަ ދަނޑުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު މިހާރު ވަނީ އެ ރަށަށް ފޮނުވައި އަންލޯޑު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިކަން ހާމަކޮށް، އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކުނބުރުދޫ ފުޓުބޯޅަ ދަނޑު އިތުރަށް ބޮޑުކުރުމާއި، ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވައި، މިހާރު ވަނީ އަންލޯޑް ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުއްޓިފައި ހުރި ގިނަ މަޝްރޫޢުތަކެއް ސަރުކާރުގެ ކުންފުނިތަކާ މި ފަހުން ހަވާލުކޮށްފައެވެ. މީގެ ތެރެއިން އާރުޑީސީއާ ވެސް ވަނީ ބައެއް މަޝްރޫޢުތައް ހަވާލުކޮށްފައެވެ.
ކުނބުރުދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތަށް ބޭނުންވާ ސާމާނު ރަށަށް ގެންދިއުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި މަޝްރޫޢުގެ މަސައްކަތް އަވަސް ދުވެއްޔެއްގައި ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

