ހުޅުމާލޭގައި ރޭ ސައިކަލަކުން ވެއްޓި އަނިޔާވި 29 އަހަރުގެ ޒުވާނެއްގެ ހާލު ސީރިއަސް ކަމަށާއި މި ވަގުތު އޭނާއަށް ފަރުވާދެމުން ދަނީ އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ކަމަށް މައުލޫމާތު ދީފިއެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ފޭސް އެކެއް އަދި ދޭއް ގުޅުވައިދޭ ބްރިޖުން އަރައިގެން ދަނިކޮށް ވެމްކޯ ސައިޓު ކައިރިންނެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލަށާއި ކަނދުރާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ހުޅުމާލެ ހޮސްޕިޓަލުން ފުރަތަމަ ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ ރޭ ދަންވަރުއެވެ.
“އެ ސަރަހައްދު އަނދިރިކޮށް އޮންނަނީ، ބްރިޖުން ފައިބައިގެން ދަނިކޮށް ކުއްލިއަކަށް ބަމްޕަރެއް ފެނިގެން ބުރަކި ޖެއްސި ތަނާ ކަހާލައިގެން ވެއްޓުނީ،” މަންޒަރު ދުށް މީހަކު ކިޔައި ދިނެވެ.
“ބޯ ވެސް ފަޅައިގެން ގޮސްފައި ހުރީ ވެއްޓުނު ގޮތަށް އެއްވެސް ހަރަކާތެއް ނެތް. ކަނދުރާއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިހެން ހީވަނީ. ހޭ ވެސް ނެތިފައި އޮތީ،”
އައިޖީއެމްއެޗްގެ މީޑިއާއިން މައުލޫމާތު ދެއްވި ގޮތުގައި، އަނިޔާވި ޒުވާނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އަދިވެސް އެމަޖެންސީ ރޫމްގައި ފަރުވާދެމުންނެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި ވަކި ބަހެއް ނުބުނެއެވެ.
އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަން ކުޑަވުމާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން އެކްސިޑެންޓުތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު މިހާތަނަށް 811 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

