މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 34.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 47.6 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މާރިޗު މަހު އެކަނި މުދަލު ޒަކާތުގެ ގޮތުގައި 23.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 66.6 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދެއް ލިބުނު އަހަރެވެ. އެގޮތުން 2023 ވަނަ އަހަރު ލިބުނު 90.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 2024 ވަނަ އަހަރު 101.9 މިލިއަން ރުފިޔާ ލިބި، 12.9 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބު ވަނީ 8,800.05 ރުފިޔާއަށް ކަނޑައަޅާފައެވެ. މިއީ މީގެކުރިން 9,240.35 ރުފިޔާގައި ހުރި ނިޞާބަށް އައި ބަދަލެކެވެ.
2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ވަނީ މީރާއާ ހަވާލުކުރެވިފައެވެ. ޒަކާތް ނެރުން ވާޖިބުވަނީ މުދަލުގައި ނިޞާބު ހަމަވެ، އެ މުދާ އެ ފަރާތެއްގެ މިލްކިއްޔާތުގައި ހިޖުރީ ގޮތުން އެއް އަހަރު ވުމުންނެވެ.

