ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ. މި ހާދިސާގައި މަރުވި ފަރާތަކީ ލ. މާބައިދޫ/ ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު 1:40 އެހާކަންހާއިރު، ލ. މާންދޫ ބެންޑް (ގަމާއި ފޮނަދުއާ ދެމެދު ހަދާފައި އޮންނަ ލިންކު ރޯޑު ލަނބައިލާ ހިސާބު) ސަރަހައްދުގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ނައުޒަމް ދުއްވަމުންދިޔަ ސައިކަލް ކޮންޓްރޯލް ނުވެގެން މަގުގެ އެއްފަރާތުގައި ޖެހުމުންނެވެ.
އެކްސިޑެންޓާ ގުޅިގެން ނައުޒަމް ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް، ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 8:45 އެހާކަންހާއިރު ވަނީ ނިޔާވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ނައުޒަމް ނިޔާވެފައިވަނީ އެކްސިޑެންޓުގައި ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކުގެ ސަބަބުންނެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

