އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރި މެޗު 3-1 ގެ ނަތީޖާއަކުން އިންޑިއާ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަހާފުގައި އިންޑިއާއިން ވަނީ ރާއްޖެ ކޮޅަށް ގޯލެއް ޖަހާ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. ނަމަވެސް 43 ވަނަ މިނެޓުގައި ދިވެހިރާއްޖެއަށް ލިބުނު ޕެނަލްޓީ އަޝްފާގު ވަނީ ކާމިޔާބުކޮށް އެއްލަނޑު އެއްލަނޑުން މެޗުގެ ނަތީއްޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ގިނަ ހަމަލާތަކެއް އިންޑިއާ ގެ ގޯލަށް އަމާޒުކުރަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އިންޑިއާ ޓީމުގެ ޑިފެންޑަރުންގެ ހުށިޔާރުކަމުން އެ މަސައްކަތް ވަނީ ރާއްޖެއަށް ކާމިޔާބުވާ ގޮތެއް ނުވެފައެވެ.
ފޮޓޯ: ވަގުތު / އަބްދުﷲ އަބީދު
މިރޭގެ މެޗުގައި ދިވެހިރާއްޖޭގެ ކުޅުންތެރިންގެ އަތުގައި ބޯޅަ ހަރުލާފައި އޮތުން އުނދަގޫ ކަމަށް ފާހަނގަ ކުރެވެއެވެ. އަދި އެ ކަމުގެ ބޭނުން އިންޑިއާގެ ޓީމުން ވަނީ ވަރަށް ރަނގަޅަށް ހިފާފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ ޓީމް ގެ ކޯޗަށް ރީދޫ ކާޑެއްވަނީ ދައްކާފައެވެ. އަދި 79 ވަނަ މިނެޓުގައި ރެފްރީވަނީ އިންޑިއާ ޓީމުގެ ކޯޗަށް ދެވަނަ ރީނދޫކާޑައި އެކު ރަތް ކާޑު ދައްކާއި ބެންޗުން ބޭރު ކޮށްފައެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި އެޓީމުގެ އެސިސްޓޭންޓް ކޯޗަށްވެސް ރެފްރީވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.
މިރޭގެ މެޗުގައި އިންޑިއާގެ ޓީމުން ގިނަ ފައުލްތަކެއްކޮށް ރީދޫ ކާޑުތަކެއް ހޯދައިފައިވެއެވެ. އަދި ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކާފައެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައިރު، އިންޑިއާއިން ވަނީ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ރާއްޖެއަށް ގޯލު ޖެހުމުގެ ގިނަ ފުރުސަތުތަކެއް ދެވަނަ ހާފުގައި ވަނީ ލިބިފައެވެ. އެހެން ނަމަވެސް 62 ވަނަ މިނެޓުގައި އިންޑިއާގެ ޓީމުން ވަނީ އިތުރު ގޯލެއް ޖަހާ މެޗުގެ ނަތީއްޖާ ތިނެއް އެކަކުން ބޮޑު ފިޔަވަޅެއް ކުރިއަރަށް އަޅާފައެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕް ގައި ދެން އޮންނާނީ ފައިނަލް މެޗެވެ. އެގޮތުން ފައިނަލް މެޗުގައި ބައްދަލު ކުރާނީ ނޭޕާލާއި އިންޑިއާއެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އޮންނާނީ މި މަހު 16 ވަނަ ދުވަހުގެ ރޭގަނޑު 9 ޖަހާއިރު އެވެ.

