ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
މި އިމާރާތުގެ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައި އޮންނަ ލޮޓް ހިމެނޭ ސަރަޙައްދުގައެވެ. މި އިމާރާތް ބިނާކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުންނެވެ. އެ ފައިސާ އައިޔޫއެމްއިން ހޯދީ ސުކޫކު ވިއްކައިގެންނެވެ.
އައިޔޫއެމްއިން ވަނީ 60 މިލިއަން ރުފިޔާ ހޯދުމަށް ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެއް މިލިއަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކު އިޝޫކޮށްފައެވެ. އެ 60 ސުކޫކު ގަނެ، 60 މިލިއަން ރުފިޔާ ހަމަޖައްސައިދިނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުންނެވެ.
އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ.އަލީ ޒާހިރު ބިން ގާސިމްގެ ވާހަކަފުޅުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަަވާލުވުމާއެކު ސަނާބީލު މަޝްރޫއު ހިންގުމަށް ވަރަށް ބޮޑަށް މަގުފަހިވިއެވެ. އެގޮތުން އިދާރާތަކާއި މުއައްސަސާތަކުން ހޯދަންޖެހޭ ހުއްދަތައް ފަސޭހައިން ލިބޭނެ މަގުފަހިވިކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް ޢިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު / ފޮޓޯ: ރައީސްއޮފީސް
އަދި ވައިސް ޗާންސެލާވަނީ މި އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ބީއެމްއެލް އިސްލާމިކްއިން ހަމަޖަައްސައިދިނީތީ އެ ބޭންކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.
ސަނާބީލު އިމާރާތަކީ ޔުނިވާސިޓީއަށް އާމްދަނީ ހޯދުމުގެ ބޭނުމުގައި އަޅާ އިމާރާތަކަަށްވީ ނަމަވެސް އެ އިމާރާތުގެ ސަބަބުން ޔުނިވަސިޓީއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަަށްވެސް ހައްލުތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާކަމަށް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.
ސަނާބިލް މަޝްރޫޢަކީ އިސްލާމީ ޔުނިވަރސިޓީއަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ މިކްސްޑް-ޔޫޒް ކޮމްޕްލެކްސް އެއް ބިނާކުރެވޭނެއެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަލް ޕާކިންގ ޖާގަތައް ހިމެނޭނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ހިންގޭ އެންމެ ފުރަތަމަ މަޝްރޫޢެވެ. މަޝްރޫޢުގެ ފައިނޭންސިންގ ހަމަޖެހިފައިވަނީ ބީ.އެމް.އެލް އިސްލާމިކް މެދުވެރިކޮށް ޞުކޫކު އިސްތިސްނާޢުގެ ދަށުންނެވެ.
18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ރޭވިފައިވާ މި މަޝްރޫޢަކީ މުވައްސަސާތައް ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސަނާބީލު އިމާރާތުގެ ކޮންކްރީޓު މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ.މުޢިއްޒާއި ޔުނިވަރސިޓީގެ ވައިސް ޗާންސެލާ ޑރ.އަލީ ޒާހިރެވެ.

